Monday, July 6, 2009

ކޮރަޕްޝަންގެ މައްސަލަތަކަށް ޙަލެއް އެބައޮތްތޯ؟

ކޮރަޕްޝަނަކީ މުޖުތަމައެއްގެ އިޤްތިސާދު ހަލާކުކޮށްލާ ނުރައްކާތެރި ބައްޔެކެވެ. ކޮރަޕްޝަންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ މުޖުތަމައުތަކުގައި އާންމު ދިރިއުޅުމުގެ ފެންވަރު ދަށްވެ، އިޤްތިސާދަށް ނޭދެވޭ ގޮތުގައި އަސަރުކުރެއެވެ. ކަނޑާއި ވައިގެ ބަނދަރުތައް އަދި މި ނޫނަސް މުހިންމު އިންފްރާސްޓްރަކްޗާތައް ހިންގުމުގައި ކޮރަޕްޝަން އާންމުވެ، މުޖުތަމައުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސަބަބުން އިޤްތިސާދީ ވަސީލަތްތައް ބޭކާރު ވެގެންދެއެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ފަހުގެ ރިޕޯޓެއްގައި ވެސް، ކަންބޮޑުވާ ދަރަޖައަކަށް ރާއްޖޭގައި ކޮރަޕްޝަން އާންމުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ފަރުދީ ގޮތުން ބަލާއިރު، ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ މީހުން އެ މީހުންގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަސްލަހަތަށް ވިސްނައިގެން ކަންކަން ކުރުމުން އެ ވަދެވެނީ ކޮރަޕްޝަނުގެ ތެރެއަށެވެ. އެ ފަދަ ހާލަތްތަކުގައި ތިމާގެ އަމިއްލަ ޖީބަށް ފައިސާތަކެއް ވަންނަ ގޮތަށް އެތެރެ އެތެރޭން ކަންތަން ނިންމާލައެވެ. މިފަދަ ކަންތައް ކުރާ މީހުން ބޭޒާރުވެ، ޝަރީއަތް މެދުވެރިކޮށް އެ މީހުންގެ އަތުން ހޯދާ ފައިސާ އަކީ ކޮރަޕްޝަނުގެ ގޮތުގައި ހޯދި ފައިސާގެ މިންވަރު ކަމުގައި ބެލިދާނެއެވެ.

އެހެންކަމުން، ކޮރަޕްޝަނާ ދިމާއަށް މީހަކު ދިއުން ބިނާވެފައި އޮންނަނީ އޮޅުވާލައިގެން ކަންތައް ކުރުމަށް ފުރުޞަތު އޮންނަ މިންވަރާއި ޤަވާޢިދާ ޚިލާފަށް ކަމެއް ކުރުމުން ލިބޭ އަދަބުގެ މައްޗަށެވެ. ބޭޒާރުނުވެ ޤަވާއިދާ ޚިލާފަށް ކަމެއް ކުރުމުން އަމިއްލަ ފައިދާ ލިބުމަށް އޮންނަ ފުރުޞަތު ބޮޑު ކަމަށް މީހަކަށް ވިސްނޭ ނަމަ ކޮރަޕްޓް ވުމުގެ ފުރުސަތު ބޮޑުވާނެއެވެެެ. އަނެއްކޮޅުން، ހީލަތެއް ހެދުމަށް އޮންނަ ފުރުޞަތު ކުޑަ ނަމަވެސް ލިބޭ އަދަބު ކުޑަވުމަކީ ރިސްކެއް ނަގައިގެން ވިޔަސް ކޮރަޕްޝަނުގެ ތެރެއިން ފައިދާ ހޯދަން ލިބޭ ބާރެކެވެ. ކޮރަޕްޝަނުގެ އަދަބު ވަރަށް ބޮޑުވެފައި، ކޮރަޕްޝަން ބޭޒާރުވުމުގެ ފުރުޝަތު ކުޑަ ނަމަ ކޮރަޕްޝަނުގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރަށް ބެލުމަށް ފަހުގައި ނޫނީ ކޮރަޕްޝަނުގެ ތެރެއަށް ވަންނާކަށް ނުވިސްނާނެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކޮރަޕްޝަނާ ގުޅިގެން ދޭ އަދަބު ބޮޑުކުރުމާއި ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ހާމަވެގެންދާ ގޮތަށް ހިންގުމުގެ ނިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިދިޔަ 10-20 އަހަރާ ދެމެދުގެ މުއްދަތަކަށް ބަލާއިރު، ރާއްޖޭގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާކަން އެންމެންނަށް ވެސް އެނގޭ މީހުންނަށް ހަރުކަށި އަދަބު ނުލިބި އުޅެމުން އެބަދެއެވެ. މުޖުތަމައުގެ ވިސްނުމުގެ ސަބަބުން ވެސް ކޮރަޕްޝަނަށް މަގު ފަހިވެއެވެ. ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށް ދެކި، މުއްސަނދިކަމަށް ވާސިލުވުމަށް ފަސޭހަ މަގެއް ހޯދުމުގެ ގޮތުން ކޮރަޕްޝަން އިޚްތިޔާރުކުރާ ނަމަ މުޖުތަމަޢުގައި ކޮރަޕްޝަން އާންމު ވާނެއެވެ. ނަމަވެސް ކޮރަޕްޝަނަކީ އެންމެން ނަފުރަތު ކުރާ ކަމަކަށްވެ، ކޮރަޕްޝަނުގައި ޝާމިލުވާ ކޮންމެ މީހަކީ މުޖުތައުމުގައި އިޙްތިރާމް ނުލިބޭ މީހެއްގެ ގޮތުގައި ބަލައިގަންނަ ނަމަ ކޮރަޕްޝަނާ ދުރަށް ދިއުމަށް ބާރަކަށް ވާނެއެވެ. އެހެންކަމުން ކޮރަޕްޝަން ފެތުރުނަ ނުދީ އެކަން ޙައްލުކުރުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަމާތޯއެވެ.

ދިވެހިރާއްޖެ އިގްތިޞާދު ރަނގަޅު ކުރުމަށް އޮތް އެންމެ އަވަސް ހައްލަކީ ދިވެހި ރުފިޔާގެ ބަދަލުގައި ޔޫއެސް ޑޮލަރު ނުވަތަ އިންޓަނޭޝަނަލް ކަރަންސީއެއް ބޭނުނ

ރާއްޖެއަށް ދިމާވެފައިވާ އިގްތިޞާދީ ދަތިކަން ފިލުވުމަށާއި ގައުމުގެ ކުރިމަގުގެ އިގްތިޞާދު ރަނގަޅު ކުރުމަށް އޮތް ހައްލަކީ ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ދިވެހިފައިސާގެ ބަދަލުގައި ޔޫއެސް ޑޮލަރ ނުވަތަ އިންޓަނޭޝަނަލް ކަރަންސީއެއް ބޭނުން ކުރުމެވެ. އަޅުގަނޑު މިހެންދެންވީމާ ވަރަށް ގިނަބޭފުޅުން މަލާމާތް ކުރާނެކަން ނުވަތަ ރުޅިގަދަވާނެކަން ގަބޫލު ކުރަމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ގައުމުގެ ކުޑަކަމާއި އުފެއްދުން ތެރިކަމުގެ ވަސީލަތް މަދުވުމާއި އަދި ހަމަ އެހެންމެ އަޅުގަނޑުމެންނަކީ އެންމެ ކުޑަމިނުން ކާންބޯން ބޭނުންކުރާ ސާމާނުވެސް ބޭރުން ގެނެސްގެން އުޅެންޖެހިފައިވާ ބަޔަކަށްވީ ހިނދު މިހުރިހާ ކަމެއް ބިނާވެގެންވަނީ ޑޮލަރަށް ނުވަތަ އިންޓަނޭޝަނަލް ކަރަންސީއަށްވީމައެވެ.

އަޅުގަނޑުމެންނަށް މިއަދު ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ ދިވެހިރާއްޖެއަށް ޓްއަރިޒަމް އިންޑަސްޓްރީން ވަންނަ ބޭރުފައިސާ ރާއްޖޭގެ އިގްތިޞާދީ އަދި ސިޔާސީ ސަރަހައްދަށް ނުވަންނަ ކަމެވެ. މަސްވެރިކަމަކީ ގުދުރަތީ ސިއްރުތަކެއް އޭގައި އެކުލެވޭ ކަމަކަށްވެފައި، ވޭތުވެދިޔަ ދެތިން އަހަރަކީ ދިވެހިރާއްޖޭގެ މަސްވެރިކަންދައްވެ، މަސްވެރިކަމުންވެސް ރާއްޖެއަށް ބޭރުގައިސާ ވަދެފައި ނުވާކަމެވެ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންގެ އެތެރޭގެ ބޭނުންތަކަށް މުދާ އެތެރެކުރާނެ ބޭރުފައިސާ ނުލިބި ޗާޕްކޮށްފައިވާ ދިވެހިފައިސާތައް ވިޔަފާރިވެރިންނާއި ބޭންކުތަކުގައި ޖަމާވިއެއް ކަމަކު އޭގެ ބޭނުމެއް ނުހިފެއެވެ. ނަތީޖާއަކީ ރާއްޖެއަށް ބޭނުންވާ ވަރަށް މުދާ އެތެރެނުކުރެވި ވިޔަފާރި އާއި ތަފާތު ސިނާއަތްތައް ކުރިއަރާ ނުދިއުމެވެ. ގައުމީ އުފެއްދުން ތެރިކަން ދަށްވުމެވެ. ކުރިއަށް ދާނެމަގުތައް ހަނިވުމެވެ. ކުރާނެ މަސައްކަތްތައް މަދުވުމެވެ. އިގްތިޞާދު މިހާބޮޑަށް ދަށަށް ދިއުމުގެ އަސްލަކީ ތަފާތު ސިނާއަތްތަކާއި މަސައްކަތްތައް ކުރިއަށް ނުދިއުމެވެ. މިހުރިހާކަމެއް ގުޅިލާމެހިފައިވަނީ މިގައުމުގައި ބޭނުންކުރާ ދިވެހިފައިސާއަށްވުރެ ޔޫއެސް ޑޮލަރަށް ނުވަތަ އިންޓްނޭޝަނަލް ކަރަންސީއަށެވެ. އެހެންކަމުން ދުނިޔެއަށް އަންނަ އިގްތިޞާދީ ކޮންމެ ލޮޅުމެއްގެ ދެގުނަ ރާއްޖެއަށް ކުރަނީ ބޭރުފައިސާ ރާއްޖޭގައި މަދުވުމުންނެވެ.ރާއްޖޭގެ އިގްތިޞާދަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ވޭދުވެދިޔަ ފަސްވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަފާތު ދާއިރާތަކަށް ވަޒީފާ އަދާކުރުމަށް ބިދޭސީން ހިފެހެއްޓުމެއް ނެތި އިތުރުވެގެން ދިއުންވެސް ހިމެނެއެވެ. މިހުރިހާ އެންމެންނަކީވެސް އެމީހުންގެފުށުން ބޭރުފައިސާއެއް މިގައުމަށް ނުވަދެ މިރާއްޖެ އެތެރެވާ ބޭރުފައިސާ އެމީހުންގެ ގައުމުތަކަށް ބޭރުކުރަންތިބޭ ބައެއްކަމަށް ވީކަމެވެ. އެމީހުންގެވެސް ކެއިން ބުއިމަށާއި އެހެންނިހެން ބޭނުންތަކަށް ބޭރުން މުދާ އެތެރެކުރުމަށް ބޭރުފައިސާ ހޭދަކުރަންޖެހުމެވެ.

ގަބޫލުކުރައްވާށެވެ. އަޅުގަނޑުމެގެ ރިސޯރޓްތަކުގެ މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ އެވްރެޖް އޮކިއުޕަންސީއަކީ 84.9 ޕަސެންޓެވެ. އެހެނަމަވެސް ހަގީގަތަކީ މިއާ އެއްވަރުގެ ފައިސާއެއް ނުވަތަ މި އޮކިއުޕަންސީއާއި ނިސްބަތުން ގާތްކުރާ އަދަދެގެ ފައިސާއެއް ރާއްޖެ އެތެރެވެފައި ނުވުމެވެ. ޓްއަރއޮޕަރޭޓަރުންނާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް އެހުރިހާ ފައިސާއެއް ބޭރުގެ އެކައުންޓްތަކަށް ޖަމާކުރެވެމުން ދިއުމެވެ. އަދި ރާއްޖެއަންނަށް ފަތުރުވެރިންނަށް ދޭ ޚިދުމަތްތަކަށް އެރިސޯރޓްތަކަށް ގެންދެވޭ މުދަލާއި އެހެނިހެން ކަންކަމަށް އަގުދެއްކުމުގައި ރިސޯރޓްތަކުންނާއި ކުންފުނިތަކުންވެސް ޑޮލަރުގެ ބަދަލުގައި ދިވެހިފައިސާ ބޭނުންކޮށްގެން މުއާމަލާތް ކުރާކަމެވެ.

ވިސްނަވާށެވެ. އަޅުގަނޑުމެންގެ ބޭނުމަށް ކިތަންމެ ވަރަކަށްވެސް ދިވެހިފައިސާ ޕްރިންޓް ކުރެވިދާނެއެވެ. އެހެންނަމަވެސް ދިވެހި ފައިސާއަކުން ރާއްޖޭން ބޭރަކުން މުދަލެއް ނުގަނެވޭނެއެވެ. ރާއްޖޭން ބޭރުން ހޯދާ ޚިދުމަތަކަށް އަގެއް ނުދެއްކޭނެއްވެ. އަދި ބޭންކުތަކުންދޭ އެލްސީ އާއި ޓީޓީ އާއި ކްރެޑިޑް ކާޑާއި ޓްރެވަލާސް ޗެކްވެސް ބޭނުންކުރެވޭނީ ރާއްޖޭގައި ގާއިމްވެފައިވާ ބޭންކުތަކަށް ޑޮލަރު ޖަމާކުރެވިގެންނެވެ. ރާއްޖެއަށްލިބޭ އާމްދަނީން ލިބޭ ބޭރުފައިސާތައް ބޭރުގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރެވުމުގެ ސަބަބުން މިދެންނެވި ޚިދުމަތްތަކަށް ދައްކާނެ ބޭރުފައިސާއެއް ރާއްޖެއަކު ނެތެވެ.

މިއަދު އަޅުގަނޑުމެންނަށް އޮތީ ދެގޮތެކެވެ އެއްގޮތަކީ ރާއްޖޭ ވަޞީލަތްތައް ވިއްކައިގެން ލިބޭ ހުރިހާ ބޭރުފައިސާއެއް ރާއްޖެއަށް އެތެރެކޮށް ވަކިދުވަސްތަކެއް ވަންދެން އެފައިސާ ރާއްޖޭގައި ބެހެއްޓުމަށް ގާނޫނީ ގޮތުން ލާޒިމް ކުރުވުމެވެ. އަދި އެފަދަ ގާނޫނުތަކާއި ޚިލާފުވާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމެވެ. ނޫންނަމަ އަޅުގަނޑުމެންނަށް އޮތީ ގޮތްދޫކޮށްފައި ރާއްޖޭގެ އިގްތިޞާދީ ދާއިރާތަކާއި ސިޔާސީ ދާއިރާތަކާއި ވިޔަފާރީގެ ދާއިރާތައްގުޅިގެން ހިވާގިކަމާއެކު މުރާލިކަމާއެކު ވާހަކަދައްކާ އެއްބަސްވެ، ބޭރުގެ ކަމާބެހޭ ފަރާތަކާއެކު މަޝްވަރާކޮށް ރާއްޖޭގައި ބޭނުންކުރެވޭ ފައިސާއަކީ ޔޫއެސް ޑޮލަރ ނުވަތަ އިންޓަނޭޝަނަލް ކޮންމެވެސް ކަރަންސީއެއް ކަމުގައި ހަމަޖެއްސުމެވެ.

ވިސްނަވާށެވެ. އަޅުގަނޑުމެންގެ ހުރިހާކަމެއްގައި ވަޠަނީވެގެން އަމިއްލަ ގޮތް ދިރުވައިގެން މިއަދު ގޮތްދޫނުކޮށް ތިބެވޭކަށް ނެތެވެ. ބޭރުތަކެއްޗަށް ރޭރުވެފައި ތިބިއިރު މިނޫން ގޮތެއް ހޯދަން އަވަސްވާން ވެއްޖެއެވެ. ދުނިޔެއަށް އަންނަމުންދާ އިގްތިޞާދީ ބަދަލުތަކާއެކު އެއަށްވުރެ ގައުމުގެ ހާލަތު ނާޒުކުވެ. ގޯހެވެ. ރާއްޖޭގެ ވަސީލަތްތައް ވިއްކައިގެން ބޭރުފައިސާ ހޯދާމީހުން މިއަދު އަޅުގަނޑުމެންގެ ހާލަތަކަށް ނުވިސްނައެވެ. އަޅުގަނޑުމެންގެ އާބާދީ ބަނޑަށްޖެހިގެން ދާއިރުވެސް އެމީހުންތިބޭނީ އެގޮތުގައެވެ. އެހެންނޫނަމަ މިއަދު ރާއްޖެއަށް ދިމާވަމުން މިދާ ދަތިހާލު ބަލަހައްޓައިގެން އެމީހުން ނުތިބީހެވެ.

މިދަނޑިވަޅު ވަރަށް އިސްކަމެއް ދީގެން ރާއްޖޭ ވަޞީލަތްތައް ވިއްކައިގެން ލިބޭ ހުރިހާ ބޭރުފައިސާއެއް ރާއްޖެއަށް އެތެރެކޮށް ވަކިދުވަސްތަކެއް ވަންދެން އެފައިސާ ރާއްޖޭގައި ބެހެއްޓުމަށް ގާނޫނީ ގޮތުން ލާޒިމް ކުރުވުން ނުވަތަ ރާއްޖޭގައި ބޭނުންކުރެވޭ ފައިސާއަކީ ޔޫއެސް ޑޮލަރ ނުވަތަ އިންޓަނޭޝަނަލް ކޮންމެވެސް ކަރަންސީއެއް ކަމުގައި ހަމަޖެއްސުމުގެ ކަންކަން ކުރުމުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ރާއްޖޭގައި އުފެދިފައިވާ ގައުމީ ޖަމުއްޔާތަކާއި ބޮޑަތި ކުންފުނިތަކާއި މީޑިއާއި ސިޔާސީ ޕާރޓީތަކާއި މިހުރިހާ ފަރާތްތަކުގެ މެދުގައި އެއްބާރުލައި ޚިޔާލު ތަފާތުވުމުންވެސް އަމިއްލަ މަޞްލަޙަތައްވުރެ ގައުމީ މަޞްލަޙަތު އިސްކޮށް ގައުމީ އެއްބައިވަންތަ ކަމުގެ ރޫހުގައި މަސައްކަތްކޮށްގެން އެއްމިސްރާބަކަށް ދެވިގެން މެނުވީ މިއަދު އަޅުގަނޑުމެންނަށް ހަމަޖެހުމެއް ނެތެވެ. ވުމާއެކު މިފަދަކަންކަމުގައި ގައުމަށްޓަކައި ގައުމުގެ ކުރިމަގަށްޓަކައި ވިސްނާ ފިކުރު ހިންގުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް އާދޭސް ދަންނަވަމެވެ.

Saturday, June 6, 2009

ޕްރައިވެޓައިޒޭށަން އަކީ ހަރުމުދާވިއްކުން ބާ؟

އިގްތިސާދީ އިލްމުގައި ޕްރައިވެޓައިޒޭޝަން އަކީ ސަރުކާރުން ހިންގަމުންދާ ކުންފުނިތަކެއް އަމިއްލަ ފަރާތްތަކައް ދޫކޮއްލުން ނުވަތަ ސަރުކާރާ އަމިއްލަ ފަރާތްތައް ހިއްސާވާ ކުންފުނި ތަކަކަށް ހެދުމެވެ. މިފަދަ ގިނަ ހާލައްތަކުގައި ސަރުކާރުގެ ފަންސާސް އެއް ޕަސެންޓް ހިއްސާ އޮންނަން ވާނެ ކަމައް ގިނަ އިގްތިސާދީ އިލްމު ވެރިން އިއްތިފާގު ވެވަޑައިގަން ނަވައެވެ.


"ޕްރައިވެޓައިޒޭޝަން" މިއީ މިފަހަކަށް އައިސް އަޅުގަނޑުމެންނަށްވެސް ވަރަށް ގިނައިން އިވޭ އަދި ހަމަ އެހެންމެ މިއަނދުގެ ސަރުކާރުން ގައުމު ތަރައްގީ ކުރުމުގައި ވަރައް ހާއްސަކަމެއް ދެއްވައިގެން ގައުމުކުރި އެރުވުމަށް ބޭނުން ކުރައްވާ އިގތިސާދީ ހަތިއާރެއްވެސް މެއެވެ. ނަމަވެސް ހަމައެއާއެކު އަޅުގަނޑުމެންނަށް ފެންނަންފެށީ ޕްރައިވެޓައިޒޭޝަންގެ ނަމުގާ ސަރުކާރުން ގައުމުގެ ހަރުމުދާ ވިއްކާލަނީކަމަށް ބައެއް ސިއާސީ ޕާޓީތަކާއި އަމިއްލަ ފަރާތްތަކުން ތުހުމަތުގެ އިނގިލި ސަރުކާރާއި ދިމާލަށް ދިއްކުރަން ފެށިތަނެވެ. ދެން އުފެދޭ ސުވާލަކީ ހަމަ ހަގީގަތުގައިވެސް މި އީ ހަރުމުދާ ވިއްކާލެވެނީ ބާވައެވެ؟

މިސުވާލައް ޖަވާބުދިނުމައް އަނެއްކާވެސް ޖެހިލަން ޖެހެނީ އިގްތިސާދީ އިލްމުވެރިންގެ އިސްތިލާހަށެވެ. ތެދެއްމެ އިހުބަޔާންވެ ދިޔަ ދެގޮތުން ކުރެ ފުރަތަމަ ގޮތް ކަމައްވާ ސަރުކާރު ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ދޫކޮއްލެވޭ ލެވުމުގައި ހަރުމުދާވިއްކާލެވެއެވެ. ސަބަބަކީ ޕްރައިވެޓައިޒޭޝަންގެ މިބާވަތުގައި އާއްމުގޮތެއްގައި ކަންތައް ކުރެވޭގޮތަކީ ސަރުކާރުން މިފަދަ ކުންފުންޏެއް އަމިއްލަ ފަރުދުންނަށް ދޫކޮށްލަން ބޭނުން ވެއްޖެނަމަ ވަކިފަރާތެއް އިސްތިސްނާ ނުވާގޮތައް ނުވަތަ ސަރުކާރުން ކަނޑައާޅާ ވަކި މިންގަނޑަކަށް ފެތޭ ކުންފުނިތަކަށް ހުޅުވާލައިގެން އެކުންފުނި ތައް ބީލަމައްލައި އޭގެތެރެއިން އެންމެ ބޮޑު ބީލަން ހުށަހަޅާ ފަރާތަކައް ވިއްކާލެވެނީއެވެ. ނުވަތަ ކުއްޔަށް ދެނީއެވެ. މިގޮތައް ވިއްކާލެވޭ ލެވުމައް ފަހު ސަރުކާރުގެ އެއްވެސް ބާރެއް ކުންފުނީގެ މައްޗަކަށް ނޮއޮއްނާނެ އެވެ. އަދިހަމަ ކުއްޔައް ދެވޭ ދެވުމުގައިވެސް އެ ކުލީގެ މުއްދަތު ހަމަވުމުގެ ނިޔަލަށް ކުންފުނީގެ މައްޗައް ސަރުކާރުގެ ބާރެއްނުހިނގާނެއެވެ. ނަމަވެސް ވަކިގޮތަކަށް ކަންތައް ކުރުމަށް ނުވަތަ ވަކި އިހްތިޔާރުތަކެއް ސަރުކާރަށް ލިބިގެންވާކަމައް ކުލީގެ އެގްރިމެންޓް ގައި ދެފަރާތުން އެއްބަސްވެފައިވާނަމަ އެ އިހްތިއާރުތައް ސަރުކާރަށް ލިއްބައިދޭނެ އެވެ.

ނަމަވެސް ދެވަނަ ގޮތްކަމައްވާ ސަރުކާރާއި އަމިއްލަ ފަރާތްތައް ހިއްސާވާ ކުންފުއްޏެއް ކަމަށް ވަންޏާ ސަރުކާރަށް ފުރިހަމަ އިހްތިއާރު ލިއްބައި ދެއެވެ. ސަބަބަކީ އާއްމުގޮތެއްގައި އަމިއްލަ ކުންފުއްޏައް ދެވެނީ ކުންފުނީގެ 49ޕަސެންޓް ނުވަތަ 50ޕަސެންޓައްވުރެ ގިނަނުވާ މިންވަރެކެވެ. މިހެންވުމުން ސަރުކާރައް ކުންފުނީގެ ކޮންޓްރޯލިން އިންޓްރެސްޓް ނުވަތަ ސަރުކާރުން ބޭނުންވާގޮތައް ކުންފުނި ހިންގުމުގެ އިހްތިޔާރު ސަރުކާރަށް ލިބެއެވެ.

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ދޮގު ނޫން ކަމައް ވައްޏާމު ސަރުކާރުން ގެންގުޅުއްވާ ސިއާސަތަކީވެސް ބަޔާންވެ ދިޔަ ދެ ބާވަތުން ކުރެ ދެވަނަ ބާވަތެވެ. ކަން މިހެން ހުރުމާ އެކު ސަރުކާރުން ގައުމުގެ ހަރުމުދާ ވިއްކާ ކަމުގެ ތުހުމަތު ކުރެވޭނެ ޖާގައެބަ އޮތްބާވައެވެ؟ މި ތުހުމަތު ތަކަކީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ދެކެވޭ ވާހަކަ ތަކެއް ނޫންބާވައެވެ؟

އަދިހަމަ މިއާއެކު އަޅުގަނޑުމެން ސަރުކާރުން މިކަންތައް ކުރަނީ އިސްވެބަޔާންވެދިޔަ ގޮތައްތޯ ބަލައި މިނޫން ގޮތަކަށް ދާ ކަމައްވަންޏާ މިގޮތައް ސަރުކާރަށް ފާޑުކިއުމާ މި ނޫންވެސް ގޮތްގޮތައް ސަރުކާރައް ޕްރެށާރ ކުރުން ކީއްތޯ؟ އަދި ހަމަ އެހެންމެ އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި ކަންތައްވަމުން ދަނީ މިގޮތައްތޯ ރައްޔިތުން ނަށް އަންގައި ދިނުމަކީ ސަރުކާރުގެ ވާޖިބެއް، ހަމަ މިނޭވާގައި އިހަކަށް ދުވަހު އަޅުގަނޑުމެން އެއްކުރި ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެން ނެވި ބޭފުޅުންނަށް މިފަދަ ކަންކަން ހިނގަމުން ދާ ގޮތް އަޅުގަނޑުމެންނަށް އޮޅުންފިލުވައި ދެއްވުން އެއީ ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު ތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ކަމުގައި ހަނދާންކޮށްލަ ދެމެވެ.

Tuesday, June 2, 2009

ބޮޑު ދެޕާޓީގެ ކޯޅުމުގެ ތެރޭގައި ދިވެހިރައްޔިތުން

އަޅުގަނޑުމެންނަށް ސިޔާސީގޮތުން އިވެމުންދާ އެކި އެކި ހަބަރުތަކުގެ ތެރޭން މިއަދު އެންމެ ބާރަށް އިވޭ އަޑަކީ ޑީއާރުޕީއަށާއި ޕީއޭއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުނު ވާހަކައެވެ. އެވެސް ބައިކުޅަބައި އަގުލަބިއްޔަތެކެވެ. ފުރިހަމަ އަގުލަބިއްޔަތެއް ނޫނެވެ. ނަމަވެސް ޑީއާރުޕީގެ މައިޒައީމް ވަނީ ވަރަށް ވަރުގަދަ ބޮޑު ވައުދެއް ވެފައެވެ. އެ ވައުދަކީ މަޖިލީޙުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ގައުމު އެއްބައިވަންތަކުރާނެ ވާހަކައެވެ. މިއީ ފާޑެއްގެ ޖޯކެއް ނޫންތޯއެވެ.؟


މިކަން ޖޯކަކަށް ނުވަތަ އަޖާއިބަކަށް ވާ ސަބަބުތަކަކީ ވެރިކަމުގައި އާރާއި ބާރު ހުރި އިރު ނުވީ ކަމެއް އެއްވެސް ބާރެއް ނެތް ހައިސިއްޔަތުން ހައްލުކުރެވޭނެ ގޮތެއް ނުވިސްނޭތީއެވެ. މިކަމަށް އެންމެ ވަރުގަދަ ރައްދެއް ދެއްވީ ރާއްޖޭގެ ދޫހެލޭ ދީނީ އިލްމުވެރިޔާ އައްސައިހު އިލްޔާސް ހުސައިނެވެ. އެބޭފުޅާ މައުމޫނު ސިފަކުރައްވާފައިވަނީ ނިވާލީމަ ހުއްޓެންދެން އެނބުރޭ ފަންކާއެއްގެ މިސާލުގައެވެ. ފަންކާއެއް އޮފުކޮށްލީމާ ހިސާބަކަށް އެނބުރެމުން ދާ އުސޫލުން މައުމޫނުވެސް އެނބުރެމުން ދަނީއެވެ. އެ ގޮތަށް އެ އެނބުރޭ އެނބުރުމުގައި އަދިވެސް ކިތަންމެ އެއްޗަކަށް ގެއްލުން ދިނުމަކީވެސް ހަމަވެދާނެ ކަމެކެވެ.


ދެން އުފެދޭ ސުވާލަކީ މައުމޫނު އަބްދުލްގައްޔޫމު މަޖިލީޙުގެ އަގުލަބިއްޔަތު ލިބުނީމާ ދިވެހި ރާއްޖެ އެއްބައިވަންތަ ކުރާނީ ކިހިނަކުންތޯ މި ސުވާލެވެ. ހަގީގަތުގައި މިއީ މަޖިލިސް ގެ ގޮނޑިތަކެއް ހޯދުމަށް ޒައީމު ޖެއްސެވި މަޅިގަނޑެއްކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ޒައީމަކީ ޒައީމު އަތުގައި ބާރެއް އޮތްނަމަ ކޮންމެ ގޮތަކަށްވެސް ބޭނުން ކޮށްފާނެ މީހެއްކަން ހުސައިން ސަލާހުގެ މަރުންވެސް ސާބިތުވާހައިވެއެވެ. ދެން އެހެންވީމާ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން މައުމޫން އެންމެ ކުރައްވާ ހިތްޕުޅުވާ ކަމަކަށްވާނީ މިއަދު އުފެދިފައި އޮތް އާސަރުކާރަށް ތަފާތު ޖެއްސުންތައް ކުރެއްވުމެވެ. އެގޮތުން ޒައީމު ކުރައްވާނެ ބައެއް ޖެއްސުން ތަކަކީ އެކި އެކި މިނިސްޓަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމެވެ. ދެން ހަމައެޔާއކުގައި އަލަށް އުފައްދާ މިނިވަން މުސްތަގިއްލު މުއައްސަސާތަށް ޒައީމަށް ބުރަވާނެ ގޮތަށް އުފެއްދުމަކީވެސް ޒައީމު ވަރަށް ކުރާ ހިތްޕުޅުވާނެކަމެއް ކަމަށް ފެނެއެވެ. އޭރުން ޒައީމުއަށް އޮންނާނީ ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ބަދަލު ތަކާއި ރާއްޖޭއަށް ބޮޑެތި ޒައީމުގެ ބަދަލުތައް ގެނެވިފައެވެ.

މިޔާއެކުގައި އެމްޑީޕީގެ ސަރުކާރުން މައުމޫނަށް ކުރައްވާ ޖެއްސުންތައް ގިނަވާނެކަމަށް ފެނެއެވެ. އެގޮތުން މިހާރުވެސް ވެސް ވަނީ ތަފާތު ހިޔާނާތްތެރިން ހޯއްދެވުމުގެ މަސައްކަތެއް ފައްޓަވާފައެވެ. މިކަމުގެ ބޭނުމަކީ ޑީއާރުޕީއަށް ޕުރެސަރކުރާނެ ގޮތެއް ހޯދުން ކަމަށް ފެނެއެވެ. މިހާރު ހާލަތު އޮތްގޮތުން މުހައްމަދު ނަސީދުގެ ކަރަށް ޑީއާރުޕީން އޮތީ މަޅިއެއް އެއްލަވާފައެވެ. އެއީ މަޖީލީހުގެ އަގުލަބިއްޔަތެވެ. އެމްޑީޕީންވެސް ވަނީ މައުމޫނުގެ ކަރަށް މަޅިއެއް މަހާލައްވާފައެވެ. އެއީ ރިޔާސީ ކޮމިސަނެވެ. ދެފަރާތުން ދެފަރާތަށް ދަމަން ފަށައިފިނަމަ ދެބޭފުޅުންގެ ކަރަށްވެސް ވާން ވާނެއެވެ. ދެފަރާތުން ދެފަރާތަށް ދޫދެއްވާނަމަ ދެބޭފޫޅުންނަށްވެސް ފަސޭހަވާނެއެވެ. ކޮންމެއަކަސް ޒައީމު މައުމޫނުގެ ވައުދު ޒައީމު ހިތްޕުޅަށް އަރާހާ ގޮތަކަށް ފުއްދަވަން ދިމާކުރައްވައފިނަމަ އެބޭފުޅާގެ ކަރުގައިވެސް ހިތިރަހަ ލާނެއެވެ. ހަމައެޔާއެކު ރައީސް ނަސީދުވެސް ބަސްނާހާ ބޮޑާ ހާކަން އުޅުއްވައިފނަމަ ޑީއާރުޕީން ރައީސް ނަސީދަށް ފިސާރި ހޫނު ބޮނޑިޔެއް އިލޮށިފަތި ކުރިން އަޅާލާނެ ކަމަށް ފެނެއެވެ.
ކޮންމެއަކަސް ދެންވާނެގޮތެއް އަޅުގަނޑުމެން މިތިބީ ބަލާށެވެ. ދިވެހި އަދަބީ ހަރުބަހެއްގައި ބުނާހެން ބޮޑު ދެގެރި ތަޅަންޏާ ބާރުކުރާނީ ކައްގަލަށެވެ. ( އެބަހީ ރައްޔިތުންނަށެވެ. ) އަޅުގަނޑުމެންގެ އުއްމީދަކީ ދެގެރި ނުތަޅާ މަޑުމަޑުން ތިބެގެން ދިވެހި ގައުމަށް ފައިދާވާނެހާ ކަންތައްތަށް ކޮށްދެއްވުމެވެ.